އަމާން ޓަވަރުތަކުގެ ރައްކާތެރިކަން ހިފެހެއްޓުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތުން މަޝްވަރާކޮށްފިއެވެ.
އެފްޑީސީން މިރޭ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އަމާން ޓަވަރުތަކަކީ ރައްކާތެރި އަދި އަމާން މާހައުލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، އެ ތަންތަނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅިފައިވާ އެކި މައްސަލަތަކާއި ޝަކުވާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އެފްޑީސީ އާއި ފުލުހުން ބައްދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އަމާން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ ސަރަހައްދުގައި ހިނގާ އެކި ބާވަތުގެ ކުށްތަކާއި އާންމު އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ފުލުހުންނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލައި، ޓަވަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކުރުމާއި، ގޯތިގެދޮރުގެ ސަރަހައްދުގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށްވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އާންމުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ އަމާން ޓަވަރުތަކަކީ ގިނަ ބަޔަކު އާބާދުވަމުން އަންނަ ސަރަހައްދެކެވެ.