އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން، ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރުގެ މައްޗަށް ދިރާސާއެއް ހެދުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ދިރާސާގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ހައްވާ ލަތީފް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމް އެވެ.

މި ރަސްމިއްޔާތުގައި ވަނީ އިތުރު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އެއީ އައިޔޫއެމްއިން ކުރިއަށް ގެންދާ "އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ" ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުކާއު އަބްދުލް ހަކީމް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާ އެވެ.