މާލޭގެ ލޯކަލް މާރުކޭޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މާރުކޭޓުން ހުސްކުރަންޖެހޭ ގޮޅިތައް ބަދަލުކުރުމަށްޓަކައި ވަގުތީ މާރުކޭޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވާ ބީލަމުގައި ވާގޮތުން، މި މަސައްކަތަކީ ލޯކަލް މާރުކޭޓް އާބާތުރަ ފިލުވައި ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މުހިންމު ބައެކެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި މަޝްރޫޢާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، މާލެ ސިޓީ ކައުންސިލްގެ އިދާރާގަ އެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށް ކައުންސިލުން އެދިފައިވެ އެވެ.
މީގެއިތުރުން، ބީލަން ހުށަހެޅުމާއި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި، މާލެ ސިޓީ ކައުންސިލްގަ އެވެ. މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
ލޯކަލް މާރުކޭޓަކީ މާލޭގެ ގިނަ ރައްޔިތުންނާއި ވިޔަފާރިވެރިން ބޭނުންކުރާ ތަނަކަށްވުމާއެކު، އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވިޔަފާރިވެރިންނަށް ދަތިނުވާނެހެން ވަގުތީ އިންތިޒާމުތައް ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.