ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށާއި، އެ މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫން ކަމަށާއި، މިއީ ސީރިއަސް އިންޒާރެއް ކަމަށެވެ. އެގޮތުން މިއީ މުޖުތަމައުގެ 3،000 އާއިލާއަކާއި، ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއިދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމުގައި ފުލުހުން ފާހަގަކުރެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ގެއްލިފައި ވާއިރު، ފުލުހުން ވަނީ މީގެ ތެރެއިން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފަ އެވެ. މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގަ އެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައި ވާއިރު، މިއީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. އެގޮތުން މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަވެސް ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނި ގޮތުގައި މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށެވެ. އެގޮތުން މައްސަލަތައް ރިޕޯޓްކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގި ސްކޭމްތަކުގެ 1,093 މައްސަލަ އަދި ވައިބަރ މެދުވެރިކޮށް ހިންގި 911 ސްކޭމެއްގެ މައްސަލަ ހިމެނެ އެވެ. ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވެ އެވެ.
އެހެންކަމުން، އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ، ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށާއި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނުމަށާއި، މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށާއި، ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.