ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިއްޖެ އެވެ.
ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އެ މަޝްރޫއު ގިނަ ދުވަސްތަކަކަށް ދިގުލައިގެން ދިޔުމަށް ފަހު، މަސައްކަތް އެއްކޮށް ނިންމައި، އިއްޔެ ވަނީ ޓެސްޓްކޮށް ކޮމިޝަން ކޮށްފަ އެވެ.
ކޮމިޝަން ކުރުމުގެ މަސައްކަތުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި، ވުޒާރާގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން، ކޮންޓްރެކްޓަރ، ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ފެނަކަ ކޯޕަރޭޝަން އަދި ހޮޅުދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވި އެވެ.
16 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 6.6 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި، 60 ޓަނުގެ ދެ އާރްއޯ ޕްލާންޓާއި، 25 ޓަނުގެ ވާރޭ ފެން ޕްލާންޓަކާއި، 350 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކް އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ވަނީ ގާއިމުކޮށްފަ އެވެ.
މީގެއިތުރުން، ދެން ކުރިއަށްދަނީ މި ނިޒާމު އޮޕަރޭޓް ކުރުމުގެ ގޮތުން އޮޕަރޭޓަރާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ.