ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ.
މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި، ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގި ވޯޓުގައި 57 މެންބަރުންގެ ވޯޓުން ވަނީ، ބިލު ބަލައިގަތުމަށް ފާސްކޮށްފައެވެ.
އަދި ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، މުޅި މަޖިލީހުގެ ކޮމިޓީއަށެވެ.
އެގޮތުން ފަޅުރަށްރަށާއި، ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ" ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ބިލުގައިވާގޮތުން މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ، އެ ރަށެއްގެ ކައުންސިލުންނެވެ.
އެ ބިލުގައިވާގޮތުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕުތަކަށެވެ.
ނަމަވެސް އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެ ކަމަށް އެ ބިލުގައި ވެއެވެ.
އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ، 21 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ފަޅުރަށުގެ ކުއްޔާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްވެސް ވަނީ ބަޔާންކޮށްފައެވެ.
އެ ބިލުގައިވާގޮތުން ވަރުވާއަށް ދެވޭނީ، ވަކި ބޭނުމަކަަށް އެކަށައަޅާފައިވާ ނުވާ ރަށެއް ކަމަށާއި ވަރުވާއަށް އެ ރަށެއް ދޫކުރެވޭނީ، ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު އިތުރުކުރާނަމަ އިތުރު ކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ޤާނޫނާ ޚިލާފަށް ކަމެއް ކޮށްފިނަމަ 500،000 ރުފިޔާ އަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.