ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިޙުސާން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ދާއިރާއަށް ޒަމާނީ އަދި ހަލުވި ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ތަރުތީބުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާގެ އިސްވެރިއެއްގެ ހައިސިއްޔަތުން، އަބަދުވެސް އިސްކަންދެނީ މި ދާއިރާއަށް ހަލުވިކަމާއި ޒަމާނީ ހައްލުތައް ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ފަރާތުން މިއަދު އިފްތިތާޙްކުރެވުނު 'މައިކެރިއަރ ޕޯޓަލް' އަކީ، ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހަމަޔަގީނުންވެސް ގެނެސްދޭނެ ސޮލިއުޝަނެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން ތަރައްޤީކޮށްފައިވާ ރަސްމީ މަސައްކަތެކެވެ. އަދި މި މަސައްކަތަށް ފަންޑުކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" (SAILS) ޕުރޮޖެކްޓުންނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.

މިއަދު އިފްތިތާޙުކުރެވުނު މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ކެރިއަރ ގައިޑަންސް ހިމެނޭއިރު ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ 'އެކްޝަން ޕްލޭން' ތައް މޮނިޓަރ ކުރެވޭނެ އިންތިޒާމު މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެތެރޭގައި ހިމެނޭ ކެރިއަރ ޕާތުވޭ ޑިޒައިނަރ މިއީ ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭ ބައިވެރިއެކެވެ.

ހަމައެހެންމެ އޭގެ ތެރޭގައި ހިމެނޭ މައިލްސްޓޯން ޓްރެކަރ އަކީ މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެކެވެ. މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި، އިތުރަށް ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެއެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނޭ ވަޒީފާއާ ގުޅުވައިދިނުމުން ވަޒީފާގެ ފުރުސަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދެއެވެ.

މި މަސައްކަތަކީ ނޭޝަނަލް ކެރިއަރސް ސަރވިސް (އެން.ސީ.އެސް)ގެ އިސްނެގުމާއެކު، ކުރިއަށްގެންދެވުނު މަސައްކަތެކެވެ.

މި މަސައްކަތްތަކަކީ ވެސް، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް 2.0 ގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.

ނެޝަނަލް ކެރިއަރސް ސަރވިސް (NCS)

ހެލްޕްލައިން: 1475

ވެބްސައިޓް: www.mycareer.gov.mv