ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމްޑީ ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސް މުޢިއްޒު ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއްކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސްއާއި ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް މުޢިއްޒު ވަނީ، ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަންވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.
ރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ޤައުމެކެވެ. ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.