ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން 2 މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވައިފިއެވެ.
އެލްޖީއޭގެ ބޯޑަށް މަޖިލީހުން ޢައްޔަންކުރައްވާ މެންބަރުންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ ބޯޑުގެ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު ސެޕްޓެމްބަރު މަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް އެ އޮފީހުން މިދިޔަ ޖުލައި މަހު ވަނީ ހުޅުވާލާފައެވެ.
ރައީސް އޮފީހުން ހުޅުވާލި ފުރުޞަތުގައި އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާންޖެހޭ ދާއިރާތަކުގެ ތެރެއިން ދެ ދާއިރާއަކުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ފޮނުއްވާފައެވެ.
އެ މަނިކުފާނު ފޮނުއްވާފައި ވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.
މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓިގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައި ވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ.
އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.
މީގެ އިތުރުންވެސް މަދަނީ ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި ޢައްޔަންކުރައްވާ ބޭފުޅެއްގެ މަޤާމަށް ކުރިމަތިލާންވެސް ރައީސް އޮފީހުން ހުޅުވާލިއެވެ.