މިދިޔަ ސަރުކާރުން ސިއްޙީ ދާއިރާގެ އެކި މަޝްރޫއުތައް ހިންގުމަށް ކުރި ހޭދައިން 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ޤީލާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގީލާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަސްޝޫރޫއުތަކުގެ ތެރެއިން މިހާތަނަށް 16 މަޝްރޫއެއް ހުއްޓާލާފައިވާ ކަަމަށާ މި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިއަން ދޫކޮށްފައިވާއިރު އެފައިސާތައް ރިކަވާ ކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އަދިވެސް ފުރިހަމަވެފައި ނުވާ ކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިއްޙީ ދާއިރާގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު މެންބަރުންނާ ހިއްސާކޮށް،ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ކުރީ ސަރުކާރުގައި ސިއްޙީ ދާއިރާގެ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ މަސައްކަތް ފަށައި އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ފައިސާވެސް ދޫކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ގޮތްތައް ހޯއްދަވަމުންދާ ކަމަށެވެ.

"16 ޕްރޮޖެކްޓެއް މިހާރު ވަނީ ޓާމިނޭޓް ކުރެވިފަ.ނޫނިއްޔާ ހުއްޓާލެވިފަ. އަދި ޖުމްލަކޮށް ދަންނަވާލާނަމަ މި ޕްރޮޖެކްޓުތައް އެޑްވާންސް ފައިސާގެ ގޮތުގައިވެސް 60 މިލިއަން ދޫކުރެވިފައިވާއިރު އަދި އެ ފައިސާ އަޅުގަނޑުމެންނަށް ރިކަވަރ ކުރުމަށްޓަކައިވެސް މި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަކުރެވިފަ ނުވޭ. އަދި ހަމައެހެންމެ އެ މަސައްކަތުގަ އަޅުގަނޑުމެން ކުރިއަށްހަމަ ދާވާހަކަ ދަންނަވާލަން.. އިއްޒަތްތެރި މެންބަރު މިގޮތުން ކުރިން ފާހަގަކުރެއްވިހެން ހއ. އިހަވަންދޫ ހޮސްޕިޓަލަކީ މިފަދަ ހޮސްޕިޓަލެއް ފައިސާ ދޫކުރެވި އެއްވެސް ވަރެއްގެ މަސައްކަތެއް ކުރިއަށް ނުގެންދެވި ވަނީ.. އެހެން ނަމަވެސް ޓާމިނޭޓު ކުރެވިފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގައި."

ސިއްހަތާ ބެހޭ ވަޒީރު ޤީލާ އަލީ

ހަމައެހެންމެ އަދުގެ ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއި ލެބޯޓްރީ ޤައިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.