ޖުލައިގެ ފަހު ހަފްތާގައި ކުނީގެ 256 މައްސަލައެއް ލިބިފައިވާ ކަން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މަގުތަކާ ގޯޅިތަކާއި ހުސް ބިން އަދި ފަޅުތެރެއަށް ކުނި އެޅުމުގެ 256 މައްސަލަ އެއް 26 ޖުލައި އިން މި މަހުގެ 1 އާ ހިސާބަށް އެ އިދާރާއަށް ލިބިފައިވެ އެވެ. އެއީ އ ހަފްތާގައި އެ އިދާރާއަސް އެނެމެ ގިނައިން ލިބިފައިވާ މައްސަލަ އެވެ.

މީގެ އިތުރުންވެސް އެ އިދާރާއިން ވަނީ، އާންމު ޕާކުތަކާއި މިސްކިތްތަކުގައި ނިދުމުގެ 3 މައްސަލައަކާ، ގަވާއިދާ ހިލާފަށް މަގުމަތީގައި ވިޔަފާރި ކުރުމުގެ 11 މައްސަލައެއްގެ އިތުރުން، މިސްކިތްތަކާއި މައިޒާންތައް އަދި ޕާކްތައް ބަލައި ފާސް ކުރުމުގެ 2 މައްސަލަ ލިބިފައިވާކަން ހާމަކޮށްފަ އެވެ.

ހަމަމިއާއެކު، ފުރާޅު ނުވަތަ ދިޔަދޮވި އަދި އެއާ ކޮންޑިޝަން އައުޓްޑޯ ޔުނިޓުތަކުން މަގުތަކަށް ފެން ލީކްވުން ނުވަތަ ފެން ޖެހުމުގެ 15 މައްސަލައަކާއި، މަގުގެ ޕޭވްމެންޓް، ކާނު، މަގުގެ ގައުތައް ނުވަތަ ތާރަތައް ނެއްޓި ހަލަކުވެފައި ހުރުމުގެ 12 މައްސަލައެއްގެ އިތުރުން، މަގުމަތީގެ ނިޝާންތަކާއި ސައިން ބޯޑުތައް ފަނޑުވުމާއި ޓްރެފިކް ލައިޓްތަކާއި މަގުމަތީގެ ލައިޓްތައް ހަލާކުވުމުގެ 15 މައްސަލައެއް ލިބިފައިވަކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

އެ އިދާރާއިން ވަނީ، ޖުމްލަ 321 މައްސަލަ ލިބިފައިވާކަން ފާހަގަކޮށް،96 މައްސަލަ ނިމިފައިވާ ކަން ހާމަކޮށްފަ އެވެ. އަދި 225 ފޮލޯއަޕް އެ ހަފްތާތެރޭގައި ކުރިއަށް ގެންގޮސްފައިވާ އިރު 8 ފަހަރު ނަސޭހަތްތެރިވެ، 5 ފަހަރު ޖޫރިމަނާ ކޮށްފައިވާކަންވެސް އެ އިދާރާއިން ވަނީ، ފާހަގަކޮށްފަ އެވެ.