މި މަހުގެ ފުރަތަމަ 8 ދުވަސް ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 55،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ މިހާތަނަށް 55،834 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު، 6.8 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 52،275 ފަތުރުވެރިންނެވެ.
މި އަހަަރުގެ މިހާތަނަށް 1.31 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.36 މިލިއަން ފަތުރުވެރިން ކަމަށްވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ސަރުކާރުން އަންދާޒާ ކުރި މިންވަރަށް މި އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމު ތަކަށް ބަލާލާއިރު، ޗައިނާ އިން 232،148 ފަތުރުވެރިން، ރަޝިއާ އިން 188،543 ފަތުރުވެރިން، އިނގިރޭސިވިލާތުން 101،391 ފަތުރުވެރިން އިޓަލީން 82،748 ފަތުރުވެރިން އަދި ޖަރުމަނުން 79،531 ފަތުރުވެރިން ހިމެނެ އެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ކަމަށް ވީއިރު، ވީއައިއޭ މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައި ވަނީ 1.29 މިލިއަން ފަތުރުވެރިނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ގަން އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 4681 ފަތުރުވެރިންނެވެ.
މީގެ އިތުރުން، 15،577 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ސީޕޯޓު މެދުވެރިކޮށެވެ.
ހަމަމިއާއެކު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 939،559 ފަތުރުވެރިން ގޮސްފައި ވަނީ ރިސޯޓުތަކަށް ކަމަށާއި، 287،371 ފަތުރުވެރިން ގެސްޓްހައުސްތަކަށް، އަދި ހޮޓެލްތަކަށް 30،395 ފަތުރުވެރިން ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.