ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި ތައާރަފުކުރި ފުރަތަމަ ބައިނަލްއަގުވާމީ ދިރާސާ ކޮންފަރެންސް ކަމަށްވާ، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި) 2026 އަށް މިފަހަރު 25 ދިރާސާ ކަރުދާސް ލިބިފައިވާ ކަމަށާއި 138 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
ވިލާ ކޮލެޖުން އިންތިޒާމްކޮށްގެން އެ ކޮލެޖުގެ ހޯލެއްގައި ބާއްވާ މި ކޮންފަރެންސް ރޭގަ ނިންމާލާފައިވާ އިރު، މިއީ މި ކޮންފަރެންސް ބާއްވާ 10 ވަނަ ފަހަރެވެ. އެގޮތުން ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ޓައިޑްސް އޮފް ޓްރާންސްފޮމޭޝަން: ޝޭޕިން ސަސްޓެއިނަބަލް ފިއުޗާސް ނުވަތަ "ބަދަލުވުމުގެ އޮއިވަރު: ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުން" އެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ޗެއާ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރު (ރިސާޗް އެންޑް އިނޮވޭޝަން) ޑރ. މުހައްމަދު އާދިލް ވަނީ، މިއަހަރުގެ ކޮންފަރެންސަށް 116 އެބްސްޓްރެކްޓް ހުށަހެޅި އިރު، އޭގެ ތެރެއިން 81 އެބްސްޓްރެކްޓް ބަލައިގެންފައިވާ ކަމަށާއި، 25 ފުލް ޕޭޕަރު (ފުރިހަމަ ދިރާސާ ކަރުދާސް) ލިބިފައިވާކަން ފާހަގަކުރައްވާފަ އެވެ. އެކަޑެމިކް، ސަރުކާރު އަދި ސިނާއާތްތަކުން ޖުމްލަ 138 ބައިވެރިން މިއަހަރުގެ ކޮންފަރެންސްގައި ރަޖިސްޓްރީވެފައިވެ އެވެ.
މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދިރާސާވެރިންނާއި، ދަރިވަރުންނާއި، ސިނާއަތްތަކުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފައްދައި، އިޖުތިމާއީ ސައިންސާއި ތަރައްގީގެ ދާއިރާއިން އާ ހިޔާލުތަކާއި އީޖާދީ އުސޫލުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ، އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަތީ ތައުލީމީ އިދާރާތަކުން ބައިވެރިވާތީ އެ ކޮންފަރެންސްގެ އަގު އުފުލިގެންދާ ކަމަށެވެ.
މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށްވީ އިރު، މި ކޮންފެރެންސްއާ ގުޅިގެން އޭނާ ވިދާޅުވީ، އެ ކޮންފަރެންސްގެ ތީމަކީ، މި ޒަމާނާ ގުޅޭ އަދި ބޭނުންތެރި ތީމެއް ކަމަށެވެ.
މި ކޮންފަރެންސްގައި، ވިލާ ކޮލެޖުން ނެރޭ ޖާނަލް "އިންޓަނޭޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިޖޭއެސްއާރުއައި)" ގެ 9 ވަނަ ވޮލިއުމްގެ 2 ވަނަ އިޝޫ ވަނީ ނެރެފައިވެ އެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ މި ކޮންފަރެންސްގައި ޖުމްލަ ތިން ކީނޯޓް ސްޕީޗް، ހަތަރު ޕެނަލް ޑިސްކަޝަން އަދި 8 "އިމްޕެކްޓް ރޫމް" ސެޝަން ކުރިއަށް ގެންގޮސްފައިވެ އެވެ.
"އިމްޕެކްޓް ރޫމް" ސެޝަންތަކުގެ މައިގަނޑު ބޭނުމަކީ ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް އަދި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށް، އަމަލީ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މަޝްވަރާތައް ކުރުމެވެ.
އެ ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ހުށަހެޅޭ ދިރާސާ ކަރުދާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަރުދާސްތަކަށް "ބެސްޓް ޕޭޕަ އެވޯޑް" އަދި "ބެސްޓް ޕޭޕަ ޕްރެޒެންޓޭޝަން އެވޯޑް" ދީފަ އެވެ.