ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާ (ސާކް-އޭއޭ) އިން ބާއްވާ 15 ވަނަ ސަރަހައްދީ ކޮންގްރެސް މި ފަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެގޮތުން މި މަހުގެ 15 އިން 16 އަށް ކުރިއަށްގެންދާ މި ބައިނަލްއަގުވާމީ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އއ. އުކުޅަހުގައެވެ.
މިކަން ހާމަކުރައްވާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، އެފަދަ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ސިއްހީ ދާއިރާގެ އިލްމީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
އަދި މި ކޮންގްރެސްގެ ތެރެއިން ސަރަހައްދުގެ ސައިންޓިފިކް މާހިރުން އެއް ތަނަކުން ބައްދަލުވެ، އެނެސްތީޒިއަލޮޖީ ނުވަތަ ހޭނައްތާ ބޭސްވެރިކަމުގެ ދާއިރާއިން ހޯދާފައިވާ އެންމެ ފަހުގެ ރިސާޗްތަކާއި އާ އުކުޅުތައް ހިއްސާކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
މިގޮތުން މިއީ ރާއްޖޭގެ މި ދާއިރާގެ ކުރިއެރުމަށް ލިބޭނެ މުހިއްމު ބާރެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ.
ހަމައެހެންމެ މި ބައްދަލުވުމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ސިއްހީ މާހިރުންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެގެންދާނެކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ މިފަދަ ކޮންފަރެންސްތައް އިންތިޒާމުކޮށް ބޭއްވުމުގެ ތަޖުރިބާ އާއި ގާބިލުކަން ރާއްޖެއަށް ލިބުމަކީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްގެ ގޮތުގައި އަޝްރަފް ފާހަގަކުރެއްވިއެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ 15 ވަނަ ސަރަހައްދީ ކޮންގްރެސް ބޭއްވުމަށް ހަމަޖެއްސިއިރު، 2019 ވަނަ އަހަރު ތަރައްގީކުރި އުކުޅަހު ކޮންވެންޝަން ސެންޓަރު ބިނާކުރީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ އެހީއާ އެކުއެވެ.
300 މީހުންގެ ޖާގައިގެ އުކުޅަސް ކޮންވެންޝަން ސެންޓަރު އިމާރާތްކޮށްފައި ވަނީ ރެސްޓޯރަންޓް ޖާގައަކާ އެކު އެވެ.