ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފާއިވާ ފަރާތްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރީގެ ބެޗުތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ 13 ސަރަޙައްދެއްގައި ބައިވެރިން ހޮވުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން، އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ލ.ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ހިމެނެއެވެ. ބައިވެރިން ހޮވުމުގެ ކަންކަން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާއިރު މިފަހަރު މިމަރުހަލާގައި ފުރުސަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖާގަ ނުލިބުނު ކުދިންނަށްކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ މުހިންމު ސިޔާސަތުގެ އެންމެ މުހިންމު އެއް ޙަރަކާތެވެ.

4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާގައި، އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ބައިވެރިން ފުރިހަމަކުރާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. 19 ޖޫން 2026 ގައި ފެށުނު ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.