ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދަން ފުލުހުންގެ ހުއްދައަށް އެ ޕާޓީން މިއަދު އެދިއްޖެއެވެ.
"ދަތިވެއްޖެ" ނަމުގައި ބާއްވާ އެ މުޒާހަރާގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ހެނދުނު ވަނީ ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު، އިސްކަންދަރު ކޮށީ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ އެ ޕާޓީން ބާއްވާ މުޒާހަރާ ކުރިއަށް ގެންދާނެ މަގަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަމީން ފައިސަލް ވިދާޅުވީ މަޖީދީ މަގުން މުޒާހަރާ ކުރިއަށް ގެންދަން ހުށަހެޅުއްވި ކަމަށާ، ފުލުހުން ވިދާޅުވީ ވެރިންނާ މަޝްވަރާކުރުމަށް ފަހު، އެކަމަށް ޖަވާބެއް ދޭނެ ކަމަށް ކަމަށާއި މި ފަހަރު އެ ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އަމީން ފައިސަލް ވިދާޅުވިއެވެ.
އަމީން ފައިސަލް ވިދާޅުވީ މުޒާހަރާކުރާނެ އިތުރު އެހެން މަގެއް ނެތް ކަމަށާއި އެ ޕާޓީން ދާނީ މަޖީދީ މަގުންކަމަށެވެ. އަދި އެއީ ގާނޫނުން ދީފައިވާ ހުއްދައިގެ ދަށުން އިހުތިޖާޖު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެ މުޒާހަރާގައި އޮންނާނީ ހަމަ ސުލްހަވެރިކަމާ އެކީގައި ޝުއޫރު ފާޅުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން އެންމެ ފަހުން މާލޭގައި ބޭއްވި ދެ އެއްވުމުގައި ވެސް މަޖީދީ މަގުގައި އިހުތިޖާޖު ކުރިއަށް ގެންދިޔަނުދީ ފުލުހުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށެވެ.
ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އެމްޑީޕީގެ 'ދަތިވެއްޖެ' މުޒާހަރާ ކުރަނީ މި މަހު 13 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. އެ މުޒާހަރާއަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އެ މުޒާހަރާ ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީއާއި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ސަރުކާރަށް އަޑުއިއްވުމެވެ. އެގޮތުން ރައްޔިތުންނަށް ދިމާވެފައިވާ މާލީދަތިތަކާ ގުޅިގެން މި ހަރަކާތުގައި ކަންބޮޑުވުން ފާޅުކުރާނެއެވެ.
އެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބެނާ ވެސް ދަމާފައެވެ. އެމްޑީޕީން ރާވާފައި ވަނީ އެ މުޒާހަރާ ސޯޝަލް ސެންޓަރު ސަރަހައްދުން ފަށައި މަޖީދީ މަގުން ކުރިއަށް ގެންދިއުމަށެވެ.
ހޯމް މިނިސްޓްރީން އެއްވެ އުޅުމާބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުރުން ފުލުހުންގެ ހުއްދަ ނެތި މުޒާހަރާ ކުރެވޭނީ ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.