އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި އުކާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހާއްސަ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފިއެވެ.

އެޗްޑީސީން ބުނީ އެ ހަރަކާތަކީ، އެ ސަރަހައްދުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

އެގޮތުން، އެ ހަރަކާތުގެ ދަށުން، އަމާން ދޯދި 11 އިން ފެށިގެން، 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޗްޑީސީން ބުނީ އެ ހަރަކާތުގައި އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

މަދިރި އަލާވުމާއި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ހަރަކާތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނަރަލ އިބްރާހިމް ނިޝާން ވަނީ މައުލޫމާތު ހިއްސާކޮށްދެއްވާފައެވެ. އެގޮތުން، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ކުނި މެނޭޖްކުރުމާއި ފެން ހަރުލާ ފަދަ ތަންތަން ނައްތާލުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އެ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވިދާޅުވީ، "މަދިރިން ރައްކާ" ޝިއާރުގެ ދަށުން ހުޅުމާލޭގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް، އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާތީ ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއެކު އެޗްޑީސީން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެއަކީ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަށް ހެދުމަށް ކަމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި މިހާތަނަށް އުކާލާފައިވާއިރު، އެ ސަރަހައްދު ހިތްގައިމު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. އެގޮތުން، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޖޯލިފަތިތަކާއި، ބައްތި ހަރުކުރުމުން، އެއީ އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ ކުރިންވެސް އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް އެފްޑީސީން ކުރިއަށް ގެންގޮސްފައިވާއިރު، "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން މިހާތަނަށް ހިންގުނު ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ އުކާލާފައެވެ. މިއީ ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުންޏެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް ހިންގި ހަރަކާތުގައި 3,178 ޓަނުގެ ކުނި އުކާލެވިފައިވާއިރު، މޭ އިން ޖޫން 2026 އަށް ކުރިއަށްދިޔަ ޕްރޮގްރާމްގައި 1,862 ޓަނުގެ ކުނި ވަނީ އުކާލެވިފައެވެ. މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން ޖުމްލަ 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

"މަދިރިން ރައްކާ" ކެމްޕޭނަކީ، ހުޅުމާލޭގައި މަދިރި އާލާވުން ކޮންޓްރޯލުކޮށް، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލުމަށް އެޗްޑީސީން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އެ ހަރަކާތުގެ ދަށުން މީގެ ކުރިން ހުޅުމާލެތެރެ ސާފުކުރުމާއި، ރަށުތެރެ ފޮގް ކުރުމުގެ ހަރަކާތްތައް އެ ފަހަރުމަތިން ކުރިއަށްގެންގޮސްފައިވެއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އެންމެން ގުޅިގެން، ހުޅުމާލެއަކީ މަދިރިން ރައްކާތެރިވެފައިވާ ސާފުތާހިރު އަދި ހިތްފަސޭހަ މުޖުތަމައުއަކަށް ހެދުން ކަމަށެވެ.