ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނީ ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް އެތަނުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީީޑިއާގައި އާންމުވެފައިވާ ޕޯސްޓަކާ ގުޅިގެން އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައެވެ.ުހުޅުމާލެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި އެ ހޮސްޕިޓަލުން ބުނީ ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލި މީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އެގޮތުން ބަލި މީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް އަދި މައްސަލައަކީ އެ ހޮސްޕިޓަލުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ހާއްސަ އިސްކަމެއްދީގެން ބަލާ މައްސަލަތަކެއް ކަމަށާއި އެކަންކަމާ ގުޅިގެން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެެއް ވާހަކަތަކަކީ އެ ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލަކީ ބަލި މީހުންނަށް ދޭ ފަރުވާ އާއި ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ހޮސްޕިޓަލެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެެ.

ބަލި މީހުންނަށް ފަރުވާދިނުމުގައި ބަލިމީހާގެ ކަރާމާތާއި މިނިވަން ކަމަށް އިހުތިރާމް ކުރުމާއި ބަލި މީހުންގެ ރުހުން ހޯދުމުގެ އިތުރުން ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް ހުރިހާ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން އަމަލުކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް ބާރު އަޅާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. އެހެންކަމުން ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށްވުމުން، ބަލި މީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުން ކަށަވަރުކުރާނެ ކަންކަން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ އެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިން އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ގެއްލުމަކީ އެތަނުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށް، އެ ބަޔާނުގައިވަނީ ބަލިމީހުންނަށް ރައްކާތެރި، އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.