20 ވަނަ ރައްޔިތުންގެ މަޖިލީހަކީ 19 ވަނަ އެމްޑީޕީގެ މަޖިލީހާ ތަފާތުކޮށް، ޤައުމީ ވިސްނުމުގައި ހިނގާ 'މިނިވަން' މަޖިލީހެއް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.
މިފަދައިން މަމްދޫހު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުދަނޑި އޮންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށާއި މެންބަރުންގެ ހިތްވަރެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އެކްސްގައި މެންބަރު ކުރެއްވި ފޯސްޓެއްގައި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ހާލަތަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، މިހާރު މަޖިލީހުގައި އެއްވެސް މެންބަރެއްގެ އަމިއްލަ ބާރެއް ނެތް ކަމަށާއި، މެންބަރުންގެ ފުރިހަމަ ބާރާއި އެތަނުގެ "ތަޅުދަނޑި" އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށެވެ. ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ ބާރު 93 މެންބަރުންނަށް ދީފައި އޮތް ނަމަވެސް، މިހާރު ފެންނަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތްއިރުވެސް، އިދިކޮޅު ފަރާތްތަކަށް ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަމާއި، މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރުމުގެ ހިތްވަރު އޭރު ހުރިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒުގެ މިވާހަކަތަކަށް ރައްދު ދެއްވާ އެކްސްގައި މެންބަރު މަމްދޫހު ކުރެއްވި ފޯސްޓުގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ސޯލިހް އޭރުގެ މަޖިލީހުގެ ކަންކަމަށް އަތްބާނާހެން، ކަންކަމުގެ ތެރެއަށް ވަންނަހެން، ރައީސް މުއިއްޒަކީ މިމަޖިލީހުގެ ކަންކަމަށް އަތްބާނާނެ އަދި ވަންނަވާނެ ވެރިއެއް ނޫންކަމަށެވެ.
މަޖިލީހުގެ ސާފު މެޖޯރިޓީ މިކަމަށް ހެކިވާނެ ކަމަށް މެންބަރު މަމްދޫހު ވިދާޅުވިއެވެ. އަދި އެފަދަ ކަމަކަށް އެމަނިކުފާނު ބާރުވެސް ނާޅުއްވާ ކަމަށާއި އަބަދުވެސް ބާރު އަޅުއްވާނީ، ޤާނޫނު ހެދުމުގެ ބާރުގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަމްދޫހު ވަނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ބިރު ދައްކާ، ހިއްޕުޅާ ނުވާގޮތަށް މިނިސްޓަރަކަށް ރުހުންދީ، ވޯޓު ލެއްވުމުން، އެމެމްބަރުން ކުޑަކަކުލަށް ތިރިކޮށް، ސޯޝަލް މީޑިއާގައި 'ވޯޓު ދެވުނީތީ' މައާފަށް އެދެން، މަޖުބޫރު ކުރުވިކަމީ، ކައިރިން ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ވަނީ ޕީއެންސީގެ މެމްބަރުން ތިބީ ފުރިހަމަ މިނިވަންކަމާއެކު، ރައްޔިތުންގެ ފަޅީގައި ކަމަށާއި އެމްޑީޕީގެ މެމްބަރުން މިނިވަންކަމާއެކު، މަސައްކަތް ކުރަން، ޖާގަ ދޭންޖެހޭ ކަމަށެވެ.