ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެގޮތުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 73.1 އިންސައްތަ ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ޖުމްލަ 922،974 ފަތުރުވެރިންނެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 99،886 ފަތުރުވެރިން އައިއިރު މީގެތެރެއިން 87.3 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ދެ ވަނަ އަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ސްވިޒަލޭންޑްގެ ފަތުރުވެރިންނެވެ. އެގޮތުން ޤައުމުން 24،380 ފަތުރުވެރިން ރާއްޖެ އައިއިރު އޭގެތެރެއިން 86.3 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ތިން ވަނަ އަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. ރަޝިއާގެ 184،927 ފަތުރުވެރިން ރާއްޖެ އައިއިރު މީގެތެރެއިން 81.5 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 184 ރިސޯޓެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 45،865 އަށް އަރައެވެ. މިގޮތުން މިއީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ އެނދުގެ 66 އިންސައްތަ އެވެ.