"ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް، ހޯމް މިނިސްޓްރީ އަދި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކައިރިން ބަލަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށާއި، އަޑިއަށް ގޮސްފައިވާ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު އެހީތެރިކަމާއި ފަންނީ އެހީ ހޯދުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ޚާރިޖީ ވުޒާރާއިން ވަނީ ގެއްލިފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، އެފަރާތްތަކާއެކު ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ ކަމާބެހޭ ހުރިހާ އިދާރާތަކާއި ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ފްރެންޑް 4" ނަމަކަށް ކިޔާ ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.

އެ ދޯނި ދިޔަވެ، އަޑިއަށްގޮސްފައިވަނީ މި މަހުގެ 5 ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި

ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

އެމްއެެންޑީއެފުން ހިއްސާކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ގެއްލުނު މީހުން ހޯދުމަށް ވައިގެމަގުން 6112 އަކަ ނޯޓިކަލް މޭލު، އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލްމޭލުގެ ސަރަޙައްދު ވަނީ ބަލާފައެވެ.