ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރަށްރަށުގައި މަޝްރޫޢުތައް އަވަސްވާނެ އިސްލާހެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ދެއްވި އިޓަވިއުއެއްގައެވެ.
ސަރުކާރުން ރަށެއްގައި ނުވަތަ ސިޓީއެއްގައި މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމަށާއި ބިން ދޫނުކުރާ ކަމުގެ ޝަކުވާތައް އެލްޖީއޭއަށް ލިބޭ ކަމަށް ނިމާލް ވިދާޅުވިއެވެ. މީގެ ސަބަބުން މަޝްރޫޢުތައް މަޑުޖެހޭކަން ފާހަގަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ނިމާލް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ މަންފާއަށްޓަކައި ކުރިއަށްގެންދަން ބޭނުންވާ ކަންކަމަށް މަގުފަހިިކޮށްދޭންޖެހޭ ބައެއް ކަމަށެވެ. އަދި ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ބިމެއް ނެގުމަކީ ކައުންސިލްތަކަށް ޚިދުމަތް ކުރަން އޮތް ހުރަހެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހެޅުއްވި ކައުންސިލްތަކުގެ އިހްތިޞާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށް ހުށަހެޅި އެ އިސްލާހުގައި އެ މާއްދާއަށް އަކުރެއް އިތުރުކޮށް، އެ އިސްލާހުގައި ބުނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ތަންތަން ކައުންސިލްގެ އިހްތިޞާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
މިގޮތުން ސަރުކާރުން ބޭނުންވެއްޖެ ނަމަ، ބިންތައް ކައުންސިލުން ވަކި ކުރެވޭނެ ގޮތް ބަޔާންކޮށް އެ އިސްލާހުގައި ވަނީ އެ މަޝްރޫއުތައް ހިންގަން ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވާނެ ކަމަށް ބުނެފައެވެ.
އަދި އެ ހިސާބުން އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ވެގެންދާނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.