މިދިޔަ ހަފްތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 65 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ ކޯސްޓްގާޑުން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ މެޑިކަލް އިވެކުއޭޝަންސްތަކުގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ. އެގޮތުން ކޯސްޓްގާޑް ސްކޮޑްރަންތަކާއި ސީއެމްބިއުލާންސް ހިމެނޭހެން ޖުމްލަ 65 މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފަސްޓް ސްކޮޑްރަންއިން ވަނީ 42 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފަ އެވެ. ސެކަންޑް ސްކޮޑްރަންއިން ހަތަރު އިވެކުއޭޝަން ކުރިއަށް ގެންގޮސްފައި ވާއިރު، ތާޑް ސްކޮޑްރަންއިން 11 އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ފޯތު ސްކުއަޑްރަންއިން ހަ އިވެކުއޭޝަނެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މީގެ އިތުރުން ސީއެމްބިއުލާންސް E9 54 އިން ވަނީ މިދިޔަ ހަފުތާގައި ދެ މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކުއްލި ހާލަތްތަކުގަޔާއި، އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.