ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ބޭފުޅަކީ ކޮންމެހެން ތައުލީމީ ގޮތުން މާބޮޑު ސަނަދެއް އޮތް މީހަކަށް ވާކަށް ނުޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ލަތީފް މިފަދައިން ވިދާޅުވީ، މީޑިއާގެ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުން ބޭނުންވާ ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތައް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައިގައި އެބަ ހުންނެވި ކަމަށް ބުނެ ލަތީފް ވަނީ އެއިންވީ ކޮން ފައިދާ އެއްތޯ ސުވާލު އުފައްދަވާފައެވެ.
މިގޮތުން މަޖިލީސް މެމްބަރެއްގެ މުސާރަ ކަނޑައެޅުމުގައިވެސް ބަލަންޖެހެނީ އެމީހަކު ކުރާ މަސައްކަތަކަށް ކަމަށާއި އޭނާގެ ސަނަދަކަށް ނޫން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
އޭނާ ވިދާޅުވީ އުނިވާރސިޓީ ސަނަދެއް ނެތްކަމުގައި ވީނަމަވެސް މިހާރުވެސް ރައްޔިތުންގެ މަޖިލީހެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ވަރަށް ރަނގަޅު ބޭފުޅުން އެބަ ތިއްބެވިކަމަށާއި އެފަދަ ފަރާތްތަކަށް އެފުރުސަތު އޮންނަންވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮޑު އަދަދަކުން ހޮވުމާއި މަޖިލީހުގައި ކެޕް ކުރެވިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މައްޗަށް ނުދާނެހެން ހިފެހެއްޓި ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުނުވާނޭހެން ތަޅުލެވިފައި އޮތުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.