މަގޭސޯލަރ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 200 އަށްވުރެ ގިނަ ގޭބީސީގައި 1 މެގަރވޮޓުގެ ސޯލަރ ހަރުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަރީފް ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވިދާޅުވީ، 'މަގޭ ސޯލަރ' ޕްރޮގްރާމުގެ ދަށުން އާންމު ފަރާތްތަކަށް ސޯލަރ ޕެނަލް ހަރުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ސޯލަރ ހަރުކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ މަސައްކަތްތައް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް 250 ގޭބީސީއެއްގައި ޖުމްލަ 1 މެގަވޮޓުގެ ސޯލަރ ހަކަތައިގެ ނިޒާމު ގާއިމުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސޯލަރ ހަރުކުރުމަށް ރަޖިސްޓްރީކޮށްފައިވާ އިތުރު 298 ގޭބީސީއެއްގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
މަގޭ ސޯލަރ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލަރ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައިވެސް ސޯލަރ ހަރުކުރާނެ ގޭބިސީތަކުގެ އަދަދު މިހާރު ވަނީ ކަނޑައަޅާފައެވެ. ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސޯލަރ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި ގޭބިސީތަކަށް ދޫކުރާ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުން ގޭބިސީތައް ސަރވޭ ކުރުމަށްފަހު ކަމަށެވެ. މިޕްރޮގްރާމުގެ ދަށުން ހަރުކުރާނީ، 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސޯލަރ ސިސްޓަމްތަކެކެވެ.