"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވުނު މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި، އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މިއީ އެޗްޑީސީ އާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން ވެމްކޯ އާއި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ކެމްޕޭނަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި، ހުޅުމާލޭގެ މާހައުލަކީ މަދިރި އާލާނުވާނެ ފަދަ ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
"މަދިރިން ރައްކާ" ޕްރޮގްރާމަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުނުކެނޑި ކުރިއަށްދާ ޕްރޮގްރާމެކެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އެޗްޑީސީން ބުނީ، މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ސާފުކުރުމުގެ މަސައްކަތް ސިލްސިލާ ގޮތެއްގައި ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން މި ހަރަކާތަކީ ހަމައެކަނި ކުނި އުކާލުމުގެ ހަރަކާތެއް ނޫން ކަމަށާއި، މީގެ އަސްލު ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ ފަރުދީ ޒިންމާ އާންމުންގެ މެދުގައި އަށަގެންނެވުމާއި، އިޖުތިމާއީ މިފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ސާފުކުރުމުގެ ހަރަކާތާއެކު ފޮގު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.