"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުން މިނުގައި ގާތްގަނޑަކަށް 1،645 މީޓަރު ހުންނާނެ ކަމަށް އެމްްއެންޑީއެފުން ބުނެފިއެވެ.
ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދޯނި އަޑިއަށް ދިޔަ މި ހާދިސާގައި ތިން މީހުން ގެއްލުނީ ގެނބެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި، ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) ވަނީ ގެއްލިފައެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ވެސް، އަދި ދޯނި ވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.