ގދ. ގައްދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

މިއާއެކު ގދ. އަތޮޅުގެ 2 ރަށުން އެ އަތޮޅުގެ ރައްޔިތުންނަށް މި ހިދުމަތް މިހާރު ލިބޭއިރު، ގދ. އަތޮޅުގެ ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫ ހިޔާރުކުރެެވޭނެއެވެ.

ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ގިނަ ރަށްތަކެއްގައި މިހާރު ވަނީ ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެގޮތުން އެންމެ ފަހުން އެ ހިދުމަތް ތައާރަފްކޮށްފައިވަނީ ބ. ދަރަވަންދޫގައެވެ.

މީގެ އިތުރުން ތ. ގުރައިދޫ، ވިލުފުށި އަދި ވޭމަންޑޫގައި ވެސް ވަނީ އެ ހިދުމަތް ދާދި ފަހުން ފަށާފައިވެއެވެ.

މީގެ ކުރިން ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންޖެހެއެވެ. ނަމަވެސް މި ހިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެ ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.