ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި، ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި އެވެ.

މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގެ މަގުސަދަކީ ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމެވެ.
މި ޕާޝަލް އިމަޖެންސީ އެކްސަސައިޒްގައި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި އެހީތެރިވުމަށް ބިއޯންޑް އެއާލައިނުން ވަނީ ބައިވެރިވެފަ އެވެ.
އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރައި މި ހަރަކާތް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމުގައި އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.
ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށާއި، އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް އެމްއޭސީއެލް އިން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އޭގެތެރޭގައި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) ފާހަގަކޮށްލެވެ އެވެ.