ކ. ހިންމަފުށީގައި ހުންނަ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމުގައި މައްސަލަތަކެއް ހުރިކަމުގެ ކަންބޮޑުވުންތަކާއެކު، އެތަނުގެ ހާލަތު ސާފުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ހޯމް މިނިސްޓަރު، އަލީ އިހުސާންއަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ކުޑޫގެ ސިޓީގައި ވަނީ އެ ސެންޓަރުގެ ހާލަތާމެދު އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

އެގޮތުން ކުޑޫ ފާހަގަކުރެއްވި ގޮތުގައި، އެތަނުގެ ނިޒާމީ މައްސަލަތަކުގެ ސަބަބުން، ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި އިންސާނީ ކަރާމާތުގެ އިތުރުން އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކަންބޮޑުވުންތައް އެ ފަރާތްތަކުގެ އެބަހުއްޓެވެ. އެހެންކަމުން އެތަނުގެ ހާލަތާ ގުޅޭ މައިގަނޑު އަށް ކަމެއްގެ މައުލޫމާތު ސާފު ކުރުމަށް ކުޑޫ ވަނީ އެދި އެދިވަޑައިގެންފައެވެ.

ފަރުވާއަށް ބޭނުންވެގެން ސެންޓަރަކަށް ދާ ކޮންމެ މީހަކަށް ވެސް ރައްކާތެރި، އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމަށް ބަޔާން ކޮށްފައިވާކަން ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެ ކަންކަން އެގޮތުގައި ފުރިހަމަކޮށް ނުދެވޭނަމަ، ފަރުވާގެ ނަތީޖާ ގެއްލި އަލުން އެ ވަބާގެ ތެރެއަށް މީހާ ދިޔުމަށް މަގުފަހިވާ ކަމަށް ވެސް ކުޑޫ ވަނީ ބަޔާން ކޮށްފައެވެ.

އެ ސުވާލުތަކަކީ އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމަށް ވާތީ، ވީހާވެސް އަވަހަކަށް އެ ސުވާލުތަކުގެ ޖަވާބުދެއްވުމަށް ކުޑޫ ވަނީ އެދިލައްވާފައެވެ.