ދައުލަތައް އެންމެ ގިނަ އަދަދަކަށް ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ރަންލާރި" އެވޯޑް 20 ފަރާތަކަށް ދީފިއެވެ.
މީރާއިން މި އެވޯޑް ދީފައިވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025ވަނަ އަހަރު އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.
މި އެވޯޑް ދީފައިވަނީ މީރާއަށް 16 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.
މީރާގެ ރަންލާރި އެވޯޑް 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ ދީފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާ ގްރީން ޓެކްސް ޓޫރިސްޓް ހޮޓާ ގިންތިން ލިބިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްއަށެވެ. ޓޫރިސްޓް ގެސްޓްހައުސް ގިންތިން އެވޯޑް ލިބިފައިވަނީ ސަމަން ގްރޭންޑްއަށެވެ. ޓޫރިސްޓް އުޅަނދު ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްގެ "ގޮމަފުޅު" އެވޯޑް ހޯދާފައިވާއިރު ޓްރެވެލް އެޖެންސީގެ ބައިން އެވޯޑް ހޯދާފައިވަނީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޖީއެސްޓީ އާއި ގްރީން ޓެކްސް ރިސޯޓްތަކުގެ ގިންތީން 150 އެނދަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. އަދި 151 އެނދާއި 250 އެނދުގެ ގިންތީން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވޯޑް ހާސިލްކުރިއިރު 250 އެނދަށްވުރެ ގިނައިން އެނދުހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިއަށެވެ.
މީގެތެރެއިން ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ ގިންތިން އެވޯޑް ހޯދާފައިވަނީ ޓީއެމްއޭ ކަމަށް ވާއިރު އެއަރޕޯޓް ޓެކުހާއި ފީ އެންމެ ގިނައިން ދައްކާފައިވަނީ އިއްތިހާދު އެއަރވޭސްއެވެ.
އާމްދަނީން ނަގާ ޓެކްސް ބޭންކުގެ ގިންތިން އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ބީއެމްއެލްއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ލިބިފައިވަނީ ދިރާގަށެވެ.
މީގެއިތުރުން އާމްދަނީން ނަގާ ޓެކްސް ފަރުދުން ނޫން އެހެން ފަރާތްތަކުގެ ގިންތިންނާއި، ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ ޖީއެސްޓީ އެންމެ ގިނައިން ދައްކާފައިވާ ފަރާތްތަކަށްވެސް ވަނީ އެވޯޑް ދީފައެވެ.
ރަންލާރި އެވޯޑަކީ ޓެކްސްއާއިގުޅޭ އެންމެ ގިނަ އިލްތިޒާމްތައް ފުރިހަމަކޮށް އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާފައިވާ ފަރާތްތަކަށް މީރާއިންދޭ އެވޯޑެކެވެ.