މޫސުން ގޯސްވުމުގެ ސަބަބުން، އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތް "އުރީދޫ މަސްރޭސް 2026" ފަސްކޮށްފިއެވެ.

އުރީދޫއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭސް ބޭއްވުން ފަސްކުރެވިފައިވާ ކަމަށެވެ. އަދި މުބާރާތް ބާއްވާނެ އާ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

މިއަހަރު މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. މާފުށީގައެވެ. ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކު މި މުބާރާތް ބާއްވަން ފުރަތަމަ ކަނޑައަޅާފައި އޮތީ އޮގަސްޓް ހަތް ވަނަ ދުވަހުއެވެ.

މި އަހަރުގެ މަސްރޭހުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ އިނާމު ކަނޑައަޅާފައި ވާއިރު، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެންމެ މޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާއަށާއި، އެންމެ ބަރު މަސް ބާނާ ފަރާތަށް 1،000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖައްސާފައެެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށްދޭ ހަރަކާތެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.