ކްރޫޒްލައިނަރތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން ރާއްޖެއަށް 15،577 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 89 އިންސައްތައިގެ ކުރިއެރުމެކެވެ.

ކްރޫޒްލައިނަރތަކުން ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 5،237 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗު މަހުއެވެ. އެމަހު ރާއްޖެއަށް 4،049 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޕްރިލް މަހުއެވެ. އެމަހު ކްރޫޒްލައިނަރތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 3،457 ފަތުރުވެރިންނެވެ.

ކްރޫޒްލައިނަރތަކުގައި ރާއްޖެއައި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ފްރާންސްގެ ފަތުރުވެރިންނެވެ. އެ ގައުމުން ރާއްޖެއަށް 31،508 ފަތުރުވެރިން ޒިޔާރަތްކުރިއިރު އޭގެތެރެއިން 5.4 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ކްރޫޒްލައިނަރތަކުގައެވެ.

މާކެޓުގެ ތަރުތީބަށް ބަލާއިރު، އެއްވަނައިގައި އޮތް ޗައިނާއިން 213،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ދެވަނައިގައި އޮތް ރަޝިއާއިން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 99،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ ރޫޓުތަކަށް ބުރޫއަރައި، ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުތައް ކެންސަލްކޮށް ނުވަތަ ފަސްކޮށްފައިވެއެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް އުފުލުމަކީވެސް ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ފޯރާފައިވާ ކަމެކެވެ.