ގާނޫނަށް އަހުލުވެރި، ހައްގުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަގްސަދުގައި، ބަންޑާރަނައިބުގެ އޮފީހުން ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ކެމްޕެއިން "އެނގުމަކީ ބާރެއް" މިއަދު އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
"އެނގުމަކީ ބާރެއް" ކެމްޕެއިނުގެ މައިގަނޑު މަގްސަދަކީ ގާނޫނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ގާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމަކީ ވެސް މި ކެމްޕެއިނުގެ މަގްސަދެކެވެ.
މި ކެމްޕެއިނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުމުގެ އިވެންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް ފަސޭހައިން އޮޅުންފިލާނެ ގޮތްތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
ގާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ ބަންޑާރަނައިބުގެ އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތް ކަމުގައި އެ އޮފީހުން ފާހަގަކުރެއެވެ.