ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ބީއެމްއެލްއިން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި މިހާރު ހަވާލުކޮށްފައިވާ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ އިތުރުންވެސް އެ މޮޑެލްއަށް އިތުރު ބިންތަކެއް ހަވާލުކޮށް ކޮންޓްރޯލް އަގެއްގައި ފްލެޓްތައް ވިއްކުމަށް ފުރުޞަތު ދޭނެކަމަަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލޯނުގެ އެހީގައި ގުޅީފަޅުގައިވެސް 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓްގެ އެޅުމަށްޓަކައިވެސް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. އެގޮތުން ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަނެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ އެޕްލިކޭޝަން އިވެލުއޭޓްކޮށް، ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އެންގުމަށް މަސައްކަތް ކުރަމުންނެވެ.