އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުމާ ގުޅޭ ގޮތުން މިހާތަނަށް ސިނާއީ 100 އަށް ވުރެއް ގިނަ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ވަޒީރު ސައިީދު ވިދާޅުވީ އިންޑިއާ އާއެކު އެކުލަވާލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ ނެގޯޝިއޭޝަން ރައުންޑް ނިންމާލީ މިދިޔަ މަހު ކަމަށެވެ. އަދި ދެވަނަ މަޝްވަރާ ބައްދަލުވުންތަކަށް ތައްޔާރުވުމަށްޓަކައި އެކި ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރަމުން ކަމަށް ވިދާޅުވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި، މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ގާއިމުކުރުމެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
އިންޑިއާއާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމެއްގައި ތުރުކީވިލާތާއެކު ރާއްޖެއިންވަނީ ސޮއިކޮށްފައެވެ.