މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު އިމާރާތް "ދާރުލްއަރްޤަމް"ގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެ އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. "ދާރުލްއަރްޤަމް"ގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ.

އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ދެހާސް އަކަފޫޓުގެ ސަރަހައްދެއްގައި 12 ފަންގިފިލާއަށް އިމާރާތް ކުރާ މި އިމާރާތަކީ، 39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރެވޭ ޢިމާރާތެެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.

އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެއްވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. އަދި، އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ގާއިމުކުރާ ބައެއް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިމާރާތުގައި ލިފްޓު ހަރުކުރާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ ހެދޭނެ އިންތިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖުމުލަ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެކެވެ.