ޖޫންމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ މޭމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 322 މިލިޔަން ރުފިޔާ އަޅާބަލާއިރު މިދިޔަ މޭމަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 26.09 އިންސައްތައިގެ އިތުރު ވުމެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖޫންމަހު ރާއްޖެއަށް 6.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މޭމަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 5.5 ބިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ މޭމަހާއި އަޅާބަލާއިރު 21.8 އިންސައްތައިގެ އިތުރުވުމެކެވެ.

ޖޫންމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިން 1601 މިލިޔަން ރުފިޔާގެ މުދަލާއި ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިން 1502 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމު ޗައިނާއިން 922 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މިދިޔަ ޖޫންމަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ކެއުމުގެ ބާވަތްތަކެވެ. އެގޮތުން ކެއުމުގެ ބާވަތްތަކުގެ 1.7 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި ތެލާއި ގޭހުގެ ބާވަތްތަކަށް ބަލާއިރު 1.8 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އަދި 972 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އެނޫންވެސް ބާވަތްތައް އިމްޕޯޓުކޮށްފައިވެއެވެ.

ޖޫންމަހުގެ އެކްސްޕޯޓަށް ބަލާއިރު، 153 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާއިރު، މެއިމަހު އެކްސްޕޯޓްކޮށްފައިވަނީ 98 މިލިޔަން ރުފިޔާއެވެ. މިއީ 56 އިންސައްތައިގެ އިތުރުވުމެކެވެ. ޖޫންމަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށް، 95 މިލިޔަން ރުފިޔާގެ މުދަލެވެ.

ދެވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 23 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި އިންޑިއާއަށް 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.