މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރަން އިސްލާމްދީން ބާރުއަޅާ ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ހަނދާންކޮށްދީފިއެވެ.

"މަޑުމައިތިރިކަން އިސްކުރުން" މި ނަމުގައި މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ އަހަރެމެންގެ މި މާތް ދީނަކީ ފުރިހަމަ، ދީނެއް ކަމަށާއި އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށެވެ. ކަން މިހެން ހުރުމާ އެކު ވެސް މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. މިއަދު އެ މީހަކަށް މާތް الله ތެދުމަގު ދެއްކެވި މީހަކު މެނުވީ، ނަމާދާއި ރޯދައާއި ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީކަމަށް ހީކުރާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާ އެކު، ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫން ކަމަށާއި އެހެނަސް ހިތާމައަކީ، އެ ފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އެ ގޮތުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން ފެންނަ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެެ. އަދި ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅު ކަމަށާއި އަހަރެމެން ނަމޫނާއަކަށް ނަގާންވީ އެ ކަލޭގެފާނުގެ މާތް އަޚުލާޤުފުޅު ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

"ހަމަކަށަވަރުން، اللهގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللهގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާކަމުގައިވާ މީހަކަށެވެ." މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އަދި މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ."إِنَّ اللهَ رَفِيْقٌ يـُحِبُّ الرِّفْقَ وَيُعْطِيْ عَلَى الرِّفْقِ مَا لَا يُعْطِيْ عَلَى الْعُنْفِ މާނައީ: "ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَىއީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާތެރިކަމަށް ލޯބިކުރައްވައެވެ. އަދި އެކަލާނގެ ހަރުކަށިކަމާއި ގަދަބަދަވިކަމަށް ނުދެއްވާ ސަވާބާއި ދަރުމައާއި އެނޫންވެސް ހެޔޮ ކަންތައް، އޯގާތެރިކަމާއި މަޑުމައިތިރިކަމަށް ދެއްވައެވެ." ރަސޫލާ ހަދީސްކުރައްވާފައިވާ ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.

"ފިރުޢައުނުގެ ގާތަށް ތިޔަ ދެ ބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުންމީދުގައެވެ." ދުނިޔޭގައި ކިބުރުވެރިވެ ބޮޑާވެގަތް ފިރުޢައުނުގެ ގާތަށް މާތް ﷲގެ މަތިވެރި ރަސޫލާ مُوْسَى عَلَيْهِ السَّلَام ފޮނުއްވި ހިނދު، އެ ނުބައި ފިރުޢައުނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވުމަށް މާތް ﷲ مُوْسَى عَلَيْهِ السَّلَامއަށް ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވާކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ދީން ޤަބޫލުނުކުރާ ނުބައި ނުލަފާ މީހުންނާ މުޚާޠަބުކުރާން ވެސް އިސްލާމްދީނުގައި އޮންނަނީ މަޑުމައިތިރިކޮށް ކަމަށާއި އެ ފަދަ މީހުންގެ މައްޗަށް ވެސް ހަރުކަށިވުމެއް ނެތް ކަމަށެވެ. ވީއިރު އަހަރެމެން މުސްލިމުން އެކަކުއަނެކަކާ މުޢާމަލާތުކުރާ އިރު އޯގާވެރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަން އިސްކުރުން މާ އައުލާކަން ބޮޑު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ އަހަރެމެން ކީރިތި ޤުރްއާނަށް ފުންކޮށް ވިސްނައިފި ނަމަ، މުޢާމަލާތުތަކާ ގުޅޭ ގިނަ އާޔަތްތަކެއް ހުރިކަން އެނގޭނެ ކަމަށާއި އެހެންކަމުން އަހަރެމެންގެ މުޢާމަލާތުތައް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ މުޢާމަލާތުތަކަކަށް ކަމަށެވެ.

"ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أُعْطِيَ حَظَّهُ مِنَ الرِّفْقِ فَقَدْ أُعْطِيَ حَظَّهُ مِنَ الْـخَيْرِ، وَمَنْ حُرِمَ حَظَّهُ مِنَ الرِّفْقِ فَقَدْ حُرِمَ حَظَّهُ منَ الْـخَيْرِ) މާނައީ: "މަޑުމައިތިރިކަމުން މީހަކަށް ލިބެންވާ ނަސީބު ލިބިދެއްވިއްޖެ މީހާ ދަންނާށެވެ! ފަހެ، ހެޔޮ ކަމުން އޭނާއަށް ލިބޭންވީ މިންވަރު ދެވިއްޖެކަން ކަށަވަރެވެ. އަދި އޯގާވެރިކަމުގެ ސިފައިން މަޙުރޫމުވެއްޖެ މީހާ ދަންނާށެވެ! ފަހެ، ހުރިހައި ހެޔޮކަމަކުން އޭނާ މަޙުރޫމުވެއްޖެކަން ކަށަވަރެވެ." އެހެންކަމުން އޯގާވެރިކަމާއި ހިތްތިރިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ދަންނަވާން ތިޔަބައިމީހުން ހަނދުމަ ނައްތައިނުލާށެވެ! ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އަހުލުވެރީންގެ ރިވެތި އަޚުލާޤާއި ހެއު މުޢާމަލާތުގެ ސަބަބުން ކަމަށާއި ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާ ކަމަށާއި އެއީ މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާ ކަމަށެވެ.