މިއަހަރުގެ 2ވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އުރީދޫއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ވަނީ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 179 މިލިޔަން ރުފިޔާއެވެ.
އުރީދޫއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުނިން ވަނީ 380 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާއިރު މިއީ މި އަހަރު ފުރަތަމަ ކުއާޓަރގައި މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް ލިބިފައިވަނީ 394 މިލިޔަން ރުފިޔާ އަޅާބަލާއިރު 3.5 އިންސައްތައިގެ ދަށްވުމެކެވެ.
ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށް ކުރިއެރުން ލިބިފައިވާ ކަން ތަފާސްހިސާބުން ދައްކައެވެ. އެ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 155 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 152 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 2 އިންސައްތައިގެ އިތުރު އަދަދެކެވެ.
މިއަހަރުގެ 2ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 536 މިލިޔަން ރުފިޔާއެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރގައި އުރީދޫއަށް ލިބިފައިވަނީ 547 މިލިޔަން ރުފިޔާއެވެ. މިއީ 2 އިންސައްތައިގެ ދަށްވުމެކެވެ.
މި ކުއާޓަރގައި އުރީދޫއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 203 މިލިޔަން ރުފިޔާއެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 210 މިލިޔަން ރުފިޔާއެވެ. މިއީ 3.33 އިންސައްތައިގެ ދަށްވުމެކެވެ.