މިދިޔަ ޖުލައި މަހު ބަންޑާރަނައިބުގެ އޮފީހުން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިދިޔަ ޖުލައި މަހު ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މަހު ބަންޑާރަނައިބުގެ އޮފީހުން 16 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ ޖޫން މަހު ކޯޓަށް ހުށަހެޅި 6 މައްސަލައާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ. ނަމަވެސް، ކޯޓު އަޑުއެހުންތަކުގައި ބައިވެރިވި އަދަދު ވަނީ ޖުލައި މަހު 66 އަށް ދަށްވެފައެވެ. މިއީ ޖޫން މަހާއި އަޅާބަލާއިރު 23 އިންސައްތަ ދަށްވުމެކެވެ.

ޤާނޫނީ ލަފާ ފޯރުކޮށްދިނުމުގެ ދާއިރާއިން ޖުލައި މަހު ޖުމްލަ 72 ފަރާތަކަށް ޤާނޫނީ ލަފާ ދީފައިވެއެވެ. ޖޫން މަހު ލަފާދީފައިވަނީ 76 ފަރާތަކަށެވެ. އެހެންނަމަވެސް، ލީގަލް އެއިޑް ނުވަތަ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން މިންވަރު ވަނީ ޖޫން މަހުގެ 16 އިން ޖުލައި މަހު 25 އަށް އިތުރުވެފައެވެ.

ބަންޑާރަނައިބުގެ އޮފީހަކީ ޤާނޫނުއަސާސީންނާއި ޤާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމާއި، އާބިޓްރޭޝަނާއި މީޑިއޭޝަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ހިނގާ މައްސަލަތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރުމަށް އުފައްދަވާފައިވާ އޮފީހެކެވެ.