ހަލާލް ޓޫރިޒަމް ހިމެނޭހެން 15 ރަށަކާއި ފަޅެއްގައި ރިސޯޓުތައް ތަރައްޤީކުރުމަށް ބީލަން ހުށަހަޅަން ހުޅުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގެ ދަށުން ހަލާލް ޓޫރިޒަމަށް 3 ރަށެއް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރެވިފައިވާ ތިން ސަރަހައްދަކީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މަަކުނުދޫގައި މަދުވެގެން 150 އެނދު ބިނާކުރަންޖެހޭއިރު، ފޮނަގާދޫ އަދި ދޮންހެރައިގައި މަދުވެގެން 100 އެނދު ބިނާކުރަންޖެހެއެވެ.

މިނިސްޓްރީން ބުނީ އެ ރަށްތަކުގައި ރިސޯޓު ހިންގަން ވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށް ކަމަށެވެ. މިގޮތުން އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުން ހިމެނެއެވެ. އަދި މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރަން ޖެހެއެވެ.

ރިސޯޓުތައް ތަރައްޤީކުރުމަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އުތުރުގެ އަތޮޅުތަކުން 10 ފަޅު ހިމެނެއެވެ. މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ. އެގޮތުން މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޯސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ.ނ ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. 63.99 ހެކްޓަރުގެ ށ. ނަލަންދޫއަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭއިރު، ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޯސްޓަކީ 2.25 މިލިޔަން ޑޮލަރެވެ.

މިނިސްޓްރީން ބުނީ ނަލަންދޫގައި މަދުވެގެން 200 އެނދު ތަރައްގީކުރަންޖެހޭއިރު، ފަރުމުލީގައި މަދުވެގެން 150 އެނދު ތަރައްޤީކުރަންޖެހޭނެ ކަމަށެވެ. މިނިސްޓްރީން ބުނީ މި ރަށްތަކާއި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރަން 36 މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

މި މަޝްރޫއުތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް %20 ގެ އިނާޔަތް ލިބޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. މީގެ އިތުރުން ޕްރީ-ބިޑް މީޓިންތައް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އެވެ.