ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ޖުމްލަ 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު، މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ޓީ-ބިލްތަކުގެ ތެރޭގައި ތަފާތު ހަތަރު މުއްދަތެއްގައި އަނބުރާ ދައްކަންޖެހޭ ބިލްތައް ހިމެނެއެވެ.

އެގޮތުން އޭގެތެރޭގައި 28 ދުވަހާއި، 98 ދުވަހާއި، 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ބިލްތައް ހިމެނެއެވެ.

އަދި އެ މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓްތައް ހުރީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައެވެ. މިއީ ސަރުކާރުން ދޭތެރެ ދޭތެރެއިން ބަޖެޓް ޑެފިސިޓް ފޫބެއްދުމަށްޓަކައި ކުރިއަށްގެންދާ މާލީ މުއާމަލާތެކެވެ.

ޓީ-ބިލް ނުވަތަ ޓްރެޜަރީ ބިލަކީ ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށްޓަކައި ދިވެހި ރުފިޔާއިން ވިއްކާ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެކެވެ. މިގޮތުން ރާއްޖޭގައި އާންމުކޮށް ޓީ-ބިލް ގަންނަނީ ޕެންޝަން ފަންޑާއި، ވިޔަފާރި ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ބޮޑެތި ކުންފުނިތަކުންނެވެ.