ވެރިކަންކުރާ ކޮންގްރެސްޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބުރައީސްކަމުގެ މަގާމަށް މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް ކުރިމަތިލައިފިއެވެ.

ނިމާލް ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތި ލެއްވިކަން އިއުލާނުކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ނިމާލް ވިދާޅުވީ، މަގާމަށް ކުރިމަތިލުމުގެ އެންމެ މުހިންމު އަމާޒަކީ، ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި ތަރައްގީއަށާއި، އަދި ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށްތަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ޕާޓީގެ ފަރާތުންނާއި އަމިއްލަ ފަރުދީ ގޮތުން ދެވެން އޮތް އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން 2028ގެ ރިޔާސީ އިންތިޚާބު، ރައީސް ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދިނުމުގައި ޕާޓީގެ މެންބަރުންނާ އެކު މަސައްކަތް ކުރުމަކީވެސް އެންމެ ބޮޑު އަމާޒުކަމަށާއި، އަދި އެއީ ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑި ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ، ނިމިގެން މިދާ ދައުރުގެ ބޮޑުބައި އިދިކޮޅުގައި ޕާޓީއެއްގެ ގޮތުގައި އޮވެމެ، ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން، އޭރުގެ ސަރުކާރުން ކުރިމަތިކުރުވި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ޕާޓީ ވެރިކަމަށް ގެނައުމަށް ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އެންމެންގެ އަޑުއަހައިގެން ޓީމު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެވުނު ކަމަށެވެ.

ނިމާލް މިހާރުވެސް ގެންދަވަނީ ޕީއެންސީގެ ނައިބުރައީސް ކަމުގެ މަގާމު ފުރުއްވަމުންނެވެ. އަދި އޭނާއަކީ މިހާރު އެލްޖީއޯގެ ސީއީއޯވެސް މެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ނިމާލް ފެނަކަ ހިންގެވިއިރު، ނިމާލް ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުންވެސް އެމްއާރުޑީސީގެ އެމްޑީކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ޕީއެންސީގައި ޖުމްލަ ހަތް ނައިބު ރައީސުން ތިއްބަވަ އެވެ. އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 15 އިން 18 އަށެވެ.