ކުދި ރުކުމަޑިއަށް ގުދުރަތީގޮތުން ހަމަލާދޭ, ތިމާވެއްޓަށް ފައިދާ ހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކޮށްފައިވާ "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރިއާރިން ސެންޓަރު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރަކީ ޗައިނާ ސަރުކާރާއި އެ ވުޒާރާއި ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްގީކުރި މުހިންމު ވަސީލަތެކެވެ.
މި މަޝްރޫޢުގެ ދަށުން އެކުލަވައިލި އެއްބަސްވުމުގައި މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 14ގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ޙަމަލާދޭ ފައިދާހުރި ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ.
އެ މަސައްކަތަށް ޚާއްޞަކޮށްގެން ގާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.