ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ، ބަދަލު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިންމައިފިއެެވެ.
މިފްކޯއަށް އައްޔަންކުރި ފުރަތަމަ ބޭރުގެ ސީއީއޯ މަގާމުން ވަކިކުރީ އައްޔަންކުރިތާ ތިން މަސް ފަހުން ކަމަށްވާއިރު، އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުލަނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުދޭ ކަމަށެވެ.
އެހެންކަމުން އޭނާ އެ މައްސަލައިގައި އެދުނީ މަގާމުން ވަކިކުރީ ދޭންޖެހޭ ނޯޓިސް ނުދީ ކަމަށާއި، ތިން މަހުގެ މުސާރަ ވެސް ނުދީ ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައިދިނުމަށެވެ.
މި މައްސަލައާއި ގުޅިގެން ޓްރަބިއުނަލުން ބުނީ، ވިޓަލީއާ އެއްކޮށް މިފްކޯ އިން ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދައިފައިވާކަމަށާއި، އެ ވަޒީފާގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ އެކަމުގެ ގާނޫނީ ހުއްދަ އޮތް ފަރާތަކުން ނޫން ކަމަށެވެ.
އެހެންކަމުން ގާނޫނީ ގޮތުން ތަންފީޒު ނުކުރެވޭ އެއްބަސްވުމެއްގެ ދަށުން ނޯޓިސްގެ ބަދަލުގައި އެއްވެސް ފައިސާއެއް ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ބުނެ ޓްރަބިއުނަލުން ވަނީ އެ މައްސަލަ ނިންމާފައެވެ.