ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެދަށުން އެކަމުގެ ޤަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.

އެގޮތުން މި ގަވާއިދު ހިނގާނީ، ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކާއި ވުޒާރާއިންނާއި ދައުލަތުގެ އެނޫންވެސް އިދާރާއަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ.

ޤަވާއިދުގެ މަޤުޞަދުތަކުގެތެރޭގައި މިކަމާއި ގުޅޭ އިޖުރާޢަތްތައް ކަނޑައެޅުމައި ބިން ދޫކުރެވޭނެ އުސޫލާއި، ބިމުގެ ރަޖިސްޓްރީ ދޫކުރުމާއި ބިމާއި ގުޅޭ ޙައްގުތަކާއި

އަދި ބިން ނަގާ މީހާގެ މަސްޢޫލިއްޔަތުތަކާއި އެއްބަސްވުން އެކުލަވާލުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދު ހިންގާ ތަންފީޒުކުރާނީ ބިނާރާ ގެދޮރުވެރިކަމާއި ޢުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. މިގޮތުން މިފަދަ ބިންތައް ދޫކުރާނީ ނުވަތަ ހަވާލުކުރާނީ، ބިމާބެހޭ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިމެއް ނަމަ، އެ ކައުންސިލަކުންނެވެ. ހަމައެހެންމެ އެ ނޫން ބިން ދޫކުރާނީ ނުވަތަ ހަވާލުކުރާނީ ވުޒާރާއިންނެވެ.

ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި ބިން ވިއްކާ އެންމެ ކުޑަ އަގާއި އާންމު ޚިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި ދައުލަތުގެ ބޭނުމަށް އެކަށައަޅައިފައިވާ ބިންތަކުގެ އަގު ކަނޑައަޅާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންކަން ބަޔާންކޮށްފައިވެއެވެ.

އަގު ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އާއްމު އިޤްތިޞާދީ ފުދުންތެރިކަން ބިމުގެ ޑިމާންޑަށް ބެލޭނެއެވެ. ކަމާ ގުޅޭ އިދާރާތައް ތަމްސީލުކުރާގޮތަށް 9 މެންބަރުގެ ލޭންޑް ވެލުއޭޝަން ކޮމިޓީއެއް މި ޤަވާއިދުގެދަށުން އެކުލަވާލާނެއެވެ. އެ ކޮމިޓީގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުގެ މެންބަރުންގެ ތެރޭގައި، މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ 2 މެންބަރުން، އިޤުތިޞާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއް ހިމެނެއެވެ.

ލޭންޑް ވެލުއޭޝަން ކޮމިޓީ ޗެއަރކުރާނީ ކޮމިޓީގެ 9 މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެކެވެ.

އަދި މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ ނުވަތަ ވިއްކާ ހުރިހާ ބިންތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެ މުޢާމަލާތު ހިންގާ ކައުންސިލް އިދާރާއިން ނުވަތަ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

ހަމައެހެންމެ މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ރަޖިސްޓަރީތައް، މި ގަވާއިދުގެ ދަށުން ބާޠިލެއް ނުވާނެއެވެ. ނަމަވެސް ބިމުގެ ދަފްތަރު އަދާހަމަކުރުން 6 މަސްތެރޭ ކުރިއަށްގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މި ގަވާއިދުގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަންކަން ފުރިހަމަކޮށް ތަންފީޒުކުރާނީ އެ ކައުންސިލަކުންނެވެ.