ސެޕްޓެމްބަރު 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންގްރެސްގެ ސުންގަޑިތަކާއި، ކޮންގްރެސް ކުރިއަށްދާނެ ގޮތުގެ ތާވަލެއް އެ ޕާޓީން އިއްޔެ އާއްމުކޮށްފައިވާ އިރު އެ ތާވަލުގައިވާ ގޮތުން ސިޔާސަތުތައް ހުށަހެޅުމުގެ ފުރުސަތު 19 އޮގަސްޓުގެ 12:30ގެ ނިޔަލަށް އޮންނާނެއެވެ.

އެމުއްދަތުގައި އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާއި، ސިޔާސަތުތަކާއި، އަސާސީ ގަވާއިދުގެ އިސްލާހުތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްތައް އެޕާޓީން ވަނީ ހަމަޖައްސާފައެވެ.

އެ ޕާޓީން ބުނީ، ހުށަހަޅާ ސިޔާސަތުތަކާއި، އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތައް މިމަހުގެ 31 ވަނަ ދުވަހު އާއްމުކުރާނެ ކަމަށެވެ. އަދި އާއްމުކުރާ ސިޔާސަތުތަކާއި އިސްލާހުތަކާއި މެދު ގޮތް ނިންމާނީ ކޮންގްރެސްގެ ތެރެއިން ކަމަށާއި، ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފި ރަޖިސްޓަރކުރުމަށް މިމަހުގެ 12:30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީން ބުނީ އެ މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތަށް ނިންމަން ވާނެ ކަމަށެވެ.

މީގެ އިތުރުން، ކޮންގްރެސްގެ ތާވަލުގައިވާ ގޮތުން 1 ސެޕްޓެމްބަރުގެ 13:30 ގެ ކުރިން ކޮންގްރެސްގައި ވޯޓުލެވޭނެ މީހުން އެނގޭނެހެން، ޑެލިގޭޓުންގެ ލިސްޓު އާއްމުކުރާނެ ކަމަށާއި، 5 ސެޕްޓެމްބަރުގައި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފައިވާ އިރު، ބައިވެރިން ރަޖިސްޓާ ވުމަށް ދޭ މުއްދަތު ހަމަވާނީ 20 ސެޕްޓެމްބަރުގެ 12:30އަށެވެ.

އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާ އެކަން އިއުލާންކުރީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރު ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ނަމަވެސް، ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. އެފަދަ ކޮންގްރެސްއެއް ބޭއްވޭނީ ގައުމީ މަޖިލީހުން ފާސްކުރުމުންނެވެ.