ހުޅުމާލޭގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވި މީހަކު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ހުޅުމާލެ ފޭސް1 އިންނެވެ.
ފުލުހުން ބުނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ހިތިގަސްމަގުން، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވާފައިވާ ކަމަށެވެ. އެ ސައިކަލު ހުއްޓުވިއިރު، ސައިކަލު ދުއްވަން އިން މީހާގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އަޙްމަދު އާލިޝް ޢާޞިމް ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ސައިކަލު ދުއްވި މައްސަލައާއި، އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.