ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ސަޢީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލަން އެމްޑީޕީގެ އިސްފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ.
ވަކިން ޚާއްޞަކޮށް ރާއްޖޭގައި ކުރީން ވެރިކަންކޮށްފައިވާ ބައެއް ފަރާތްތަކާއި ނިމިދިޔަ ސަރުކާރުގެ އިސް ބޭފުޅުން މިފަދަ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރަށް ލިބުނު ފުރުސަތުގައި މިއިން ކަމެއް ރަނގަޅުކުރަން ކުރި ކަމެއް ދެއްކުމަށް އެދި ސައީދު ވަނީ އެކަންކަން ރަނގަޅުކުރަން އެންމެ ކަމެއްވެސް އެމްޑީޕީގެ ސަރުކާރުގައި ކޮއްފައި ނެތްކަމަށް ވިދާޅުވެފައެވެ.
އަދި ނިމިދިޔަ ސަރުކާރުން ވަކި ސުމާރެއް ބަލާނުލާ ފައިސާ ޗާޕުކުރުމަކީ މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަޞްލު ނުވަތަ ”ގޯހުގެ ފެށުން“ ކަމަށްވެސް މިނިސްޓަރު ސައީދު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ސަޢީދު ވިދާޅުވީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފޫބައްދައި، ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނިން ބައެއް ދައްކައި، ޤައުމަށް އިޤްތިޞާދީ ހަމަޖެހުން ގެނައުމަށް މި ސަރުކާރުން ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި ޤައުމަށް ހަމަޖެހުން ގެންނަމުން ދަނިކޮށް އަނެއްކާވެސް އެމްޑީޕީން ގޯސް ހަދަމުން އަންނަ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.